މިރަމަޟާން މަހު އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް މީހުން ގެންދިޔުމަށް ކުރެވުނީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން މިއަހަރުގެ ރަމަޟާން މަހު އުމްރާގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ހައްޖު ކޯޕަރޭޝަންގެ ފުރަތަމަ ގްރޫޕް ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ފުރާފައިވާއިރު، އެއީ މުޅި ރަމަޟާން މަސް އުމްރާގައި ހޭދަކުރި ގްރޫޕެވެ. އަދި ރަމަޟާން މަހުގެ ފަހު 15 ގެ އުމްރާވެރިން މައްކާއަށް ގޮސްފައިވަނީ މާރިޗު މަހުގެ 1 ވަނަ ދުވަހުއެވެ.
މީގެއިތުރުން، އަލްއަބްރާރު ގްރޫޕުން އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު ނުގެންދިޔަ 40 އަށްވުރެ ގިނަ އުމްރާވެރިންނާއެކު، ޖުމްލަ 600 އަށްވުރެ ގިނަ އުމްރާވެރިން މިފަހަރު އެ ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވެއެވެ.
އުމްރާގެ އިންތިޒާމުތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް ޢަލީ ޝަރީފް ވިދާޅުވީ، މިއަހަރުގެ އިންތިޒާމުތައް މިދިޔަ އަހަރަށްވުރެ ފުރިހަމަ ކަމަށެވެ.
”މިދިޔަ އަހަރާ އަޅާ ބަލާއިރު މަދީނާ ދަތުރާއި ރައުޟާގެ ޒިޔާރަތަށް ބަލާއިރުވެސް އެންމެ ފުރިހަމައަށް ކަންކަން ހަމަޖެހިގެންދިޔަ. އެގޮތުން ރައުޟާއަށް ބަލާއިރު ހުރިހާ އެންމެންނަށް ވަދެވުނު،“ޢަލީ ޝަރީފް ވިދާޅުވިއެވެ.
އުމްރާވެރިންގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި މައްކާގައި ހުންނަ ހައްޖު ކޯޕަރޭޝަންގެ ބަދިގޭގައި 1200 އެއްހާ މީހުންނަށް ކެއުން ތައްޔާރުކޮށްފައިވެއެވެ. މިފަހަރު ބަދިގެ ޓީމު ބޮޑުކޮށް، އަންހެނުންނަށްވެސް ބަދިގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. ސިއްހީ ހިދުމަތަށް ބަލާއިރު، މައްކާގައި ގާއިމުކޮށްފައިވާ ކްލިނިކުން ގިނަ ބަޔަކަށް ފަރުވާ ދީފައިވާ ކަމަށާއި، އޭގެ ތެރޭގައި އެހެން ގްރޫޕްތަކުގެ ދިވެހިންވެސް ހިމެނޭ ކަމަށް ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
މީގެއިތުރުން، މިއަހަރުގެ ދަތުރުގައި ޠާއިފްގެ ޒިޔާރަތުގައި ބައިވެރިވި މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އާންމުކޮށް 100 އެއްހާ މީހުން މި ދަތުރުގައި ބައިވެރިވި ނަމަވެސް، މިފަހަރު 400 އަށްވުރެ ގިނަ އުމްރާވެރިން ވަނީ ޠާއިފަށް ގޮސްފައެވެ.



