ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފިރިހެން ފަތުރުވެރިންނަށްވުރެ އަންހެން ފަތުރުވެރިންގެ އަދަދު ނިސްބަތުން އިތުރުކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުރިއެރުމެކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 611,439 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 592,490 ފަތުރުވެރިންނާ އަޅާބަލާއިރު 3.2 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖިންސަށް ބަލާއިރު، 53.9 އިންސައްތައަކީ އަންހެން ފަތުރުވެރިންނެވެ. އެއީ ޖުމްލަ 329,565 ފަތުރުވެރިންނެވެ. އަދި ބާކީ ތިބި 281,873 ފަތުރުވެރިންނަކީ ފިރިހެން ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ އުމުރުން 45 އަހަރާއި 54 އަހަރާ ދެމެދުގެ ޓޫރިންޓުންނެެވެ. މި އުމުރުފުރާގެ ތެރެއިން 13.1 އިންސައްތައަކީ އަންހެން ފަތުރުވެރިން ކަމަށްވާއިރު، ފިރިހެނުންގެ ނިސްބަތަކީ 9.5 އިންސައްތައެވެ. ދެން އެންމެ ގިނައިން ޒިޔާރަތްކުރި އުމުރުން 55 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެ ތެރެއިންވެސް ގިނައީ އަންހެނުންނެވެ.
މީގެ އިތުރުން، ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ 16 އިންސައްތައަކީ އުމުރުން 14 އަހަރުން ދަށުގެ ކުދިންނެވެ. އަދި 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ނިސްބަތަކީ 14.1 އިންސައްތައެވެ.
މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ގައުމުން 91,506 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. ލިސްޓުގެ ދެވަނައިގައި ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.
ނިމިދިޔަ އަހަރު ރާއްޖެއަށް 2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމެވެ.



