މިދިޔަ މަހުގެ 28 ވަނަ ދުވަހު އީރާނުގެ މީނާބްގައި ހުންނަ ’ޝަޖަރޭ ތައްޔިބާ‘ އަންހެން ކުދިންގެ ސްކޫލަށް އަމާޒުކޮށް ދިން ވައިގެ ހަމަލާ ދިވެހި ސަރުކާރުން މިއަދު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާއި އިންސާނިއްޔަތާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.
ސްވިޓްޒަރލަންޑްގެ ޖެނީވާގައި މިއަދު ބޭއްވި އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ ކުއްލި ބަހުސްގައި، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ޑރ. ސަލްމާ ވަނީ އިސްރާއިލްއާއި އެމެރިކާއާ ގުޅިގެން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
”ބައިނަލްއަޤުވާމީ ހަތިޔާރު އެޅި ހަމަނުޖެހުންތަކުގައި ކުޑަކުދިންނާއި ތަޢުލީމީ މުއައްސަސާތައް ހިމާޔަތްކުރުން: އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް ދިން ވައިގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފު ބޮޑު އަމަލެއް” މި މައުޟޫއަށް ބޭއްވި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން، ގަލްފްގެ ޤައުމުތަކާއި ޖޯޑަން، ފަލަސްތީން އަދި ލެބަނަން މިހާރު އޮތް ނުރައްކާތެރި ޙާލަތަށް ވައްޓާލުމުގެ ފަހަތުގައި އޮތީ އިސްރާއީލު ކަމަށް ޑރ. ސަލްމާ ފާހަގަކުރެއްވިއެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާ އަދި ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދޭ އިސްރާއީލުގެ މިފަދަ ޢަމަލުތަކަށް ފިޔަވަޅު ނޭޅި ދިއުމުގެ ސަގާފަތް މިހާރުން މިހާރަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. އަދި އިންސާނީ ޙައްޤުތަކާ ޚިލާފަށް ހިންގާ މިފަދަ ޖަރީމާތައް ހުއްޓުވަން ޖެހޭ ކަމަށްވެސް ރާއްޖެއިން ބުނެފައިވެއެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށާއި، އާންމު ރައްޔިތުން ހިމާޔަތްކޮށް، މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތައް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކުރިމަތީގައި ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ދިވެހިރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.




