ގދ. ހޯޑެއްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފްއެވެ.
މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ހަމީދާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު މުޙައްމަދު ޝަމީޒްގެ އިތުރުން ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް އަދި ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހޯޑެއްދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ.
އެ ކުންފުނިން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ ދަށުން ހޯޑެއްދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.




