ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް މިއަދު ބައްލަވާލައްވައިފިއެވެ.
މި މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ހިމެނޭހެން ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި، އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ވަނީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ވަޑައިގެން، މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ.

ގިރާވަރުފަޅު މަޝްރޫޢުގައި ޖުމުލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެމްއޭސީއެލްއިން މި މަސައްކަތް ކޮންޓްރެކްޓްކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ. އަދި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިންނެވެ.
މިހާތަނަށް ޖުމުލަ 105 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. މިއީ ފޭސް 1ގެ %62.8 މަސައްކަތެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، އަންނަ މަހުގެ ނިޔަލަށް ބިން ހިއްކުމުގެ މަސައްކަތް ނިންމައި، ޖޫން މަހުގެ ތެރޭގައި ގޯތި ދޫކުރަން ފެށޭނެ ކަމަށެވެ.
ގިރާވަރުފަޅުން ޖުމުލަ 4 ސައިޒެއްގެ 4,072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި މިހާރު ވަނީ އައު ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލައި، ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުމުގެ ކަންކަންވެސް ކުރިއަށް ގެންގޮސްފައެވެ.
މި މަޝްރޫޢުގައި ބޭނުންކުރަނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ ”ކުއީންސް އޮފް ދި ނެދަލޭންޑްސް“ އާއި ”އޮރެންޖް“ އެވެ. މި ދެ އުޅަނދު ބޭނުންކޮށްގެން ދުވާލަކު 100,000 ކިއުބިކް މީޓަރުގެ ވެލި އެޅުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދެއެވެ.

އެމްއޭސީއެލްގެ އަމާޒަކީ އޭޕްރިލް 30ގެ ނިޔަލަށް ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިންމާލުމެވެ.
ކުރީ ސަރުކާރުން މި މަޝްރޫޢު ފެށިއިރު، އެކަށީގެންވާ ލޭންޑް ޔޫސް ޕްލޭނެއް ނެތުމާއި، ކަނޑުގައި ރޮނގު އަޅައިގެން ގޯތި ދޫކުރުމުގެ ސަބަބުން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓެވެ. ނަމަވެސް މި ސަރުކާރުން މަސައްކަތާ ހަވާލުވިއިރު %41.8 ނިމިފައި އޮތް މި މަޝްރޫޢު، މިހާރު ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ.




