ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މިވަގުތު އެންމެ އިސްކަމެއް ދެނީ ބިން ހިއްކައި ނިމުމާއެކު ގޯތިތައް ހަވާލުކުރުމަށް ކަމަށެވެ.
ސަރުކާރުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިއަހަރު ޖަނަވަރީ މަހުގެ ފަހުކޮޅުއެވެ. މިމަސައްކަތް ބާރުމިނުގައި ކުރިއަށްދާއިރު މިމަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު ގިރާވަރުފަޅަށް ވަޑައިގެންފައެވެ. އަރިހުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއިރު، އެތަނުގައި ހުންނަވާ މިނިސްޓަރު ވަނީ މިމަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމާލުމަށް ސަރުކާރުން އިސްކަމެއް ދެއްވާކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ހަވާލުވިއިރު ގިރާވަރުފަޅުން 5،000 އެއްހައި ގޯތި ދޫކޮށްފައި އޮތް ނަމަވެސް، އެތަނުގެ ލޭންޑް ޔޫޒް ޕްލޭން އޮތީ އެކަށީގެންވާ އަރބަން ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރެވޭނެ ގޮތަކަށް ނޫން ކަމަށެވެ.
މިނިސްޓަރު މުއްޠަލިބް ފާހަގަކުރެއްވި ގޮތުގައި، ގުޅީފަޅުގެ ޕްލޭނަށް ބަދަލު ގެނެސް ޕޯޓު އެޅުމަށް ކަނޑައަޅާފައި އޮތް ބޮޑު ބިމެއް ގޯތި ދިނުމަށް ބަދަލުކޮށް، ގިރާވަރުފަޅުން 1،100 އަށް ވުރެ ގިނަ ގޯތި ވަނީ އެ ސަރަހައްދަށް ބަދަލުކޮށްފައެވެ. އަދި ގިރާވަރުފަޅުން ގޯތި ދިނުމަށް އެކަށީގެންވާ ބިން ނެތުމުން، އިތުރަށް ބިން ހިއްކައިގެން ނަމަވެސް ގޯތި ލިބިފައިވާ އެންމެނަށް ބިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.
”ވީހާވެސް އަވަހަކަށް 3 ހަފްތާ ތެރޭ ބިން ހިއްކައި ނިމުނީމައި ސާވޭކޮށް ގޯތިތައް ހަވާލުކުރުން އެއީ ސަރުކާރުގެ ވިސްނުމަކީ. އަޅުގަނޑުމެން ހަމަ ބިން ހިއްކައި ނިމޭއިރަށް ރަޖިސްޓްރީ މަސައްކަތް ފަށާނަން. ރަޖިސްޓްރީވާ ވަރަކަށް ސާވެކޮށްގެން ބިން ހަވާލުކުރަމުން ދާނަން.“ މިނިސްޓަރު ވިދާޅުވިއެވެ.
ގޯތިތައް ހަވާލުކުރުމުގެ މަސައްކަތާ އެކު، އެ ސަރަހައްދުގައި ފެނާއި ނަރުދަމާ، ކަރަންޓު ވިއުގަ އަދި މަގު ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
އަދި ބިން ހަވާލުކޮށް ނިމޭ މިންވަރަކުން، ވަށާ ފާރު ރޭނުމާއި އެހެނިހެން ޒަރޫރީ މަސައްކަތްތަކަށް ހުއްދަ ދޫކުރަން ފަށާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



