ގދ. ފަރެސްމާތޮޑާގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފްއެވެ.
މި މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފު ރަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިސްމާއީލް ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި، ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަޙްމަދު އިމްތިޔާޒު އަދި ރަށުގެ އެކި މުޢައްސަސާތަކުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީ އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 11.25 ކިލޯމީޓަރުގެ 36 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ތެރޭގައި މަގުތަކުގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން ދުއްވާ ސަރަޙައްދު ތަރައްޤީކޮށް މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ސަރުކާރުން 255.21 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 1140 ދުވަހުގެ މުއްދަތެކެވެ.




