ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ މިއަދު ހައްޔަރުކޮށްފިއެވެ.
އުމުރުން 74 އަހަރުގެ އޮލީ ހައްޔަރުކޮށްފައިވަނީ އޭނާގެ ވެރިކަމާ ދެކޮޅަށް މިދިޔަ އަހަރު ކުރި މުޒާހަރާތަކާ ގުޅިގެން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތަހުގީގަށް ކަމަށް އެ ގައުމުގެ ރަސްމީ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނޭޕާލްގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކުގައި، ސަރުކާރުގެ އަމުރަށް ސަލާމަތީ ބާރުތަކުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. މި ކުރިމަތިލުންތަކުގައި 76 މީހަކު މަރުވެ، 2،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރީ ހަމައެކަނި އޮލީއެއް ނޫނެވެ. އޭނާގެ ސަރުކާރުގެ ހޯމް މިނިސްޓަރު ރަމޭޝް ލެކަކްވެސް ވަނީ ހައްޔަރުކޮށްފައެވެ. މި ދެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވެނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގުމަށް މަގުފަހިކޮށްދީ، އެކަމަށް އަމުރު ކުރެއްވި ކަމަށެވެ.
މި ބޭފުޅުން ހައްޔަރުކޮށްފައި މި ވަނީ މި މަހުގެ 5 ގައި ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި ކުރެއްވި ކުރީގެ ޒުވާން ރެޕާ ބަލެންދުރަ ޝާހް ބޮޑުވަޒީރުކަމުގެ ހުވާ އިއްޔެ ކުރައްވާފައި ވަނިކޮށެވެ.



