އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިންސް އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން އެމްއޭސީއެލްއިން ހިންގާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)އިން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން އޮސްޓްރިއަން އެއާލައިންސް އިން އިއްޔެ ފުރި 324 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް އިއްޔެ ކައިރިކުރި އެ އެއާލައިންސްގެ ފްލައިޓުން ރާއްޖެ އައި 328 ފަސިންޖަރުންނަށް ވަނީ ބޮޑުބެރާއި އެކީ ހޫނު މަރުހަބާއެއް ވެސް ކިޔާފައެވެ.
މިއީ އޮސްޓްރިއަން އެއާލައިންސް އާއި އެމްއޭސީއެލްއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ވީއައިއޭއިން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެކެވެ.

އޮސްޓްރިއަން އިން ރާއްޖެއަށް ފާއިތުވި 30 އަހަރުގައި ދަތުރު ފަށާފައިވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި އޮސްޓްރިއާ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެން ވަނީ ގޮސްފައެވެ.




