މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ލޮޅުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކާމިޔާބީތަކެއް ލިބެމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލަތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ ޚާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖެއަށް އަންނަ %99 ފަތުރުވެރިންނަކީ ވައިގެ މަގުން އަންނަ މީހުން ކަމަށްވާތީ، މި ހަމަނުޖެހުންތަކުގެ ސަބަބުން ފްލައިޓުތައް ކެންސަލްވެ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވަމުން ދިޔަ ކަމަށެވެ.
ނަމަވެސް ވުޒާރާތައް ގުޅިގެން ކުރި މަސައްކަތުން އެކަން މިހާރު ބަދަލުވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން އެއާ އިންޑިއާ، އެރޯފްލެޓް އަދި އޭއާ އޭޝިއާގެ ކެޕޭސިޓީ ބޮޑުކުރުމުގައި ކާމިޔާބީތަކެއް ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މެދުއިރުމަތީގެ އެއާލައިންތަކުން އޮޕަރޭޝަންތައް މަދުކުރި ނަމަވެސް، ރާއްޖޭގެ މަސައްކަތުން އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީން މިހާރު އެވްރެޖުކޮށް ދުވާލަކު ދެ ފްލައިޓު ބާއްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ އޭޕްރިލް މަހުގެ 9ން ފެށިގެން ޤަތަރު އެއަރވޭސްވެސް ދުވާލަކު ފްލައިޓެއް އޮޕަރޭޓް ކުރައްވަން ފައްޓަވާނެ. އެ ޝެޑިއުލްވެސް އަޅުގަނޑުމެންނަށް މިހާރު ކޮންފާމް ކުރެވިއްޖެ،“. މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ބެލަރޫސްގެ ބެލަވޭރިއާ އެއަރލައިންސްގެ ދަތުރުތައް ފެށުމުގެ އިދާރީ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، އޭޕްރިލް މަހަށްފަހު އެރޯފްލެޓުން ހަފުތާއަކު އިތުރު 3 ދަތުރު ބާއްވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަ ފްލައިޓުތަކުގެ ބުކިން ލޯޑަށްވެސް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކުރިން ރާއްޖެއަށް އަންނަ ފްލައިޓުތަކުގެ ބުކިން ލޯޑު އެވްރެޖުކޮށް %50 ގައި ހުރި ނަމަވެސް، މިހާރު އެ އަދަދު %75 އަށް އުފުލިފައިވާ ކަމަށެވެ.




