މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި އެންޑޯޒްކުރައްވައިފިއެވެ.
މޫސާ ޢަލީ ޖަލީލް މިއަދު ވަނީ ޗަމްޕާގިރިއަށް ޒިޔާރަތްކުރައްވައި އުއްޗުއާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި އުއްޗު ވަނީ މޫސާ ޖަލީލް އެންޑޯޒްކުރައްވާ، މާލެ ސިޓީގެ މޭޔަރުކަމަށް އޭނާ އިންތިޚާބު ކުރުމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އަދި މި އިންތިޚާބުގައި މޫސާ ޖަލީލަށް ވޯޓް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް އުއްޗު ވަނީ ދެއްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އުއްޗު ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޤައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސާ ޢަލީ ޖަލީލް ކަމަށެވެ. ވަކިން ޚާއްޞަކޮށް ސިފައިންގެ ޚިދުމަތުގައި ކެރުމާއި ހިތްވަރާއި ރީތި ނަމޫނާ ދައްކަވާފައިވާ މޫސާ ޢަލީ ޖަލީލް ފަދަ ބޭފުޅުންގެ ޚިދުމަތް މިވަގުތު ޤައުމަށް ބޭނުންވާކަން އުއްޗު ފާހަގަކުރެއްވިއެވެ.
އުއްޗު އިތުރަށް ވިދާޅުވީ، ޤައުމީ ޚިދުމަތުގައި އިތުބާރު ހިފެހެއްޓެވުމާއެކު މަސައްކަތް ކުރައްވާފައިވާ މޫސާ ޖަލީލް ފަދަ ބޭފުޅުން ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަން ދެއްވާ ކަމަށެވެ.
މި ބައްދަލުވުމުގައި މޫސާ ޢަލީ ޖަލީލް ވަނީ އޭނާއަށް ބައްދަލުކުރުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި އަދި މޭޔަރުކަމަށް އޭނާ އިންތިޚާބު ކުރުމަށް ތާއީދުކުރައްވައި އެންޑޯޒްކުރެއްވި ކަމަށްޓަކައި ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.



