އީރާނުން އިސްރާއީލުގެ ކެމިކަލް ގުދަނަކަށް ހަމަލާދީ އެތަން ގޮއްވާލާފައިވާ ކަމަށް އިސްރާއީލުގެ މަސްދަރުތަކުން ބުނެފިއެވެ.
މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުން ނުރައްކާތެރި ކެމިކަލް ލީކުވެދާނެ ކަމުގެ ބިރު އޮތުމުން، ކަމާބެހޭ ފަރާތްތަކުން ދަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ހުސްކޮށް، އެ ސަރަހައްދުގައި ކެމިކަލް ލީކުވެފައިވާ މިންވަރު ބަލަމުންނެވެ.
އިސްރާއީލުގެ ޗެނަލް 14 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާ އަމާޒުވެފައިވަނީ ނެގެވް ސަރަހައްދުގައި ހުންނަ ކާރުހާނާއަކަށެވެ. މި ހަމަލާއާ ގުޅިގެން ބެރްޝެބާގެ އެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައެވެ.
މަސްދަރުތަކުން ފާހަގަކުރާ ގޮތުގައި، އީރާނުން އިސްރާއީލުގެ މި ކެމިކަލް ގުދަނަށް ހަމަލާދީފައިވަނީ، އިސްރާއީލުން އީރާނުގެ ގުދަނަކަށް ހަމަލާދީ ގޮއްވާލިތާ މާގިނަ އިރުތަކެއް ނުވަނީހެވެ. މިއީ އިސްރާއީލުގެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ދީފައިވާ ބަދަލުހިފުމުގެ ހަމަލާއެއް ކަމަށް ބެލެވެއެވެ.
އިސްރާއީލުގެ މީޑިއާތަކުން މި ހަމަލާ ދިން ސީދާ ލޮކޭޝަން ހާމަކޮށްފައި ނުވި ނަމަވެސް، އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.




