އދ. ކުނބުރުދޫގައި 25 ހައުސިން ޔުނިޓް އަދި މަހިނބަދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި ދެ ރަށުގައި ހައުސިން ޔުނިޓްތައް އަޅުއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ތެރޭގައި އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ރިޓަޔާޑް ބްރިގޭޑީއާ ޖެނެރަލް އަލީ ޒުހައިރުއެވެ.
މި މަޝްރޫއުގެ ދަށުން މަހިނބަދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. އަދި ކުނބުރުދޫގައި އަޅާ 25 ހައުސިން ޔުނިޓްގެ މަސައްކަތް 480 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
މި ދެ ރަށުގައިވެސް އިމާރާތް ކުރަން ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެވެ.
ކުނބުރުދޫއަކީ އދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ބިން އެންމެ ދަތި އެއް ރަށް ކަމަށްވާތީ، އެ ރަށުގައި ހައުސިން ޔުނިޓްތައް އެޅުމަށް ބޭނުންވާ ބިން ހޯދުމަށްޓަކައި 89 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.



