ސައިކަލު ވިއްކާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސްއިން މި މައްސަލައިގެ ތަޙުޤީޤު ނިންމައި ޕީޖީއަށް ފޮނުވާފައިވަނީ 2026 މާރިޗު 03 ވަނަ ދުވަހުއެވެ.
މި މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ ކިންގްސްޓަން ކުންފުނީގެ އިތުރުން އެ ކުންފުނީގެ ވެރިޔާ، ދ. ބަނޑިދޫ / ޕޯލާގްރޭސް، އަޙްމަދު ޢާޠިފް ޙަސަން (38އ) ގެ މައްޗަށެވެ.
މި މައްސަލައަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސައިކަލް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވިގެން 2024 އޯގަސްޓް 08 ގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.
ފުލުހުންގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، މި މައްސަލާގައި ޖުމްލަ 158 ފަރާތެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވެއެވެ. އެގޮތުން ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764.00 (ހަތް މިލިއަން އެއްލައްކަ ނުވަދިހަ ތިންހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރު) ރުފިޔާއާއި، 8,398.18 (އަށްހާސް ތިން ސަތޭކަ ނުވަދިހަ އަށް ޑޮލަރު އަށާރަ ސެންޓް) ނަގާފައިވާކަން ތަޙުޤީޤަށް ވަނީ ކަށަވަރު ކުރެވިފައެވެ.
މި މައްސަލަ 2024 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވުމާއެކު ފުލުހުން ވަނީ ސައިކަލު ނެގުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ކަސްޓަމަރުން ފައިސާ ދެއްކިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރުވެސް، އެ ކުންފުނިން ސައިކަލު ޙަވާލުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.




