ރ. ވާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ފައްޓަވައިދެއްވީ އެކަމަށްޓަކައި މިއަދު ވާދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރުގެ އިތުރުން ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި، ރ. ވާދޫ ކައުންސިލްގެ އިސްވެރިންގެ އިތުރުން ޞިއްޙީ މަރުކަޒުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ލެބޯޓަރީގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، މިނިސްޓަރު ވަނީ ޞިއްޙީ މަރުކަޒުގެ ސީނިއަރ މެނޭޖްމަންޓާ ބައްދަލުކުރައްވައި، މަރުކަޒަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ވާދޫގައި ލެބޯޓަރީގެ ޚިދުމަތް ގާއިމުކުރެވުމުގެ ކުރިން އެ ރަށުގެ ރައްޔިތުން އާންމު ޓެސްޓުތައް ހެދުމަށް ދާންޖެހެނީ އަތޮޅުގެ އެހެން ރަށްރަށަށެވެ. ނަމަވެސް މިހާރު ރަށުގައި ތިބެގެން ލޭ އެޅުމުގެ ޚިދުމަތާއި އާންމު ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖެހުމުން، ރައްޔިތުންގެ ޖީބަށް ލުއިވެ، ދަތުރުފަތުރުގެ އުނދަގޫތަކުން ސަލާމަތްވާނެ ކަމަށް އެ ރަށުގެ ރައްޔިތުން ދެކެއެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ގާއިމުކުރުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ. ރ. ވާދޫއަކީ މި ވައުދުގެ ދަށުން މި ސަރުކާރުން ލެބޯޓަރީގެ ޚިދުމަތް ގާއިމުކޮށްދިން 17 ވަނަ ރަށެވެ.




