ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް، ސްޓައިޕެންޑްގެ އިތުރުން މަހަކު 6000 ރުފިޔާގެ އެލަވަންސެއް ދޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
މި ބަދަލު ގެނެސްފައިވަނީ މިއަދު ސަރުކާރުގެ ގެޒެޓްގައި އާއްމުކުރި އައު އުޞޫލުގެ ދަށުންނެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަން ވިދާޅުވީ، މި އެލަވަންސް ދޭން ނިންމީ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
މީގެ ކުރިންވެސް ސްޓައިޕެންޑަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ހައި އެޗީވާސް ސްކޮލަރޝިޕް ލިބޭނީ ފަސް މާއްދާގެ ތެރެއިން ދަރިވަރު ބައިވެރިވި އޭލެވެލް ނުވަތަ އެއާ އެއްވަރުގެ އިމްތިޙާނެއްގައި އެސްއެސްސީގެ ދިވެހި އިސްލާމް މާއްދާ ހިމެނޭހެން އެއް މާއްދާއިން އޭ ސްޓަރ އަދި އަނެއް ހަތަރު މާއްދާއިން ދަށްވެގެން އޭ އެއް ލިބުމުންނެވެ.
ނުވަތަ ޝަހާދާ ޘާނަވިއްޔާ އިމްތިޙާނުގެ އެ ދަރިވަރަކު ކިޔެވި ސްޓްރީމް (ޤިސްމު) ގައި ކިޔަވަންޖެހޭ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅައިފައިވާ ހުރިހައި މާއްދާތަކާއި އަދި އެޗްއެސް.ސީގެ ދިވެހި އިސްލާމުގެ ތެރެއިން އެއް މާއްދާއިން އޭ ސްޓަރ ހޯދުމާއެކު ދެން ހުރި މާއްދާތަކުން، ދަށްވެގެން ”އޭ “ ގުރޭޑް ލިބުމުންނެވެ. އަދި އިނގިރޭސި މާއްދާއިން އޯލެވެލްއާ އެއްފެންވަރުގެ ނުވަތަ އެއާ އެއްވަރުގެ އިމްތިޙާނަކުން ދަށްވެގެން ސީ ފާހެއް ވެސް އޮންނަން ޖެހެ އެވެ.
މި ސްކޮލަރޝިޕްގެ ދަށުން ފުރުޞަތު ދެނީ ތިން އަހަރާއި ހަތަރު އަހަރާ ދެމެދުގެ ބެޗްލާސް ޑިގްރީ ކޯސްތަކަށާއި، ހަ އަހަރުގެ މެޑިސިން އަދި ޑެންޓިސްޓްރީ ކޯސްތަކަށެވެ. މީގެ އިތުރުން، ބެޗްލާސް ޑިގްރީއާއެކު ފުރިހަމަކުރާ ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމްތަކަށްވެސް މި ސްކޮލަރޝިޕްގެ ދަށުން ކިޔެވޭނެއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި މިހާރު ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ހުރުމާއި ކެއުމުގެ އިތުރުން އަސާސީ ޚަރަދުތަކަށް ދޭ ސްޓައިޕެންޑްގެ ތަފުޞީލުތައް އާއްމުކޮށްފައެވެ.




