ރ. މާކުރަތު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިއެވެ.
މާކުރަތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
މާކުރަތު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށް މިއަދު އެރަށުގައިވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޘިމް އިބްރާހީމްގެ އިތުރުން ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި، މާކުރަތު ކައުންސިލްގެ އިސްވެރިންނާއި، ސިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މާކުރަތުގައި މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު މިނިސްޓަރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ، އެރަށުގެ ސިއްޙީ މަރުކަޒުގެެ އެސްއެމްޓީއާ ބައްދަލުކުރައްވާ، އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ހުރި ދަތިތަކަށް ޙައްލު ގެނައުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.
ލެބޯޓަރީއެއް ނެތް ގިނަ ރަށްތަކުން ޓެސްޓު ހެދުމަށް އެހެން ރަށްރަށަށް ދާފަދައިން މާކުރަތު ރައްޔިތުންވެސް ދާންޖެހެނީ، އެ ޚިދުމަތް ލިބޭ އަތޮޅުގެ ކޮންމެވެސް ރަށަކަށެވެ. ރަށުގައި ތިބެގެން ލޭ އެޅޭނެ ޚިދުމަތާއި، އާއްމު ބައެއް ޓެސްޓްތައް ރަށުގައި ތިބިގެން ހެދުމުގެ ފުރުޞަތު ލިބުމާއެކު ރަށުގެ ރައްޔިތުންގެ ޖީބަށް ލުއިވެ ހައްޓަށްވެސް ފަސޭހަވާނެކަން އެރަށުގެ ރައްޔިތުން ޤަބޫލުކުރެއެވެ.
މީގެ އިތުރުން، އޭގެ ސަބަބުން ހަކުރު ބައްޔާއި، ހިތުގެ ބައްޔާއި، ލޭ މައްޗަށް ދިއުމާއި، ކިޑްނީ މައްސަލަތައް ފަދަ ޢާންމުކޮށް ފާހަގަކުރެވޭ ބޮޑެތި ބަލިތައް ދެނެގަތުމަށް ފަސޭހަވެ، ދުރާލައި ބަލިތައް ދެނެގަތުމަށް މަގުފަހިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މާކުރަތު ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
އެގޮތުން މިހާތަނަށް ލެބޯޓަރީ ޤާއިމުވެފައިވާ ނުވާ 76 ރަށުގައި ލެބޯޓަރީގެ ޙިދުމަތް ޤާއިމުކުރުމަށް ފަށާފައި މަސައްކަތުގެދަށުން މާކުރަތަކީ މި ޙިދުމަތް ގާއިމުކުރި 18 ވަނަރަށެވެ.



