މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، އީރާނަށް ވައިގެ ޙަމަލާތައް ދިނުމަށް ސްޕެއިންގެ ވައިގެ ސަރަޙައްދު ބޭނުންކުރުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް މަނާކޮށްފައިވާ ކަމަށް ސްޕެއިންގެ ދިފާޢީ ވަޒީރު މާގަރީޓާ ރޯބްލްސް ވިދާޅުވެއްޖެއެވެ.
ރޯބްލްސް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ސްޕެއިންގެ ވައިގެ ސަރަޙައްދުގެ އިތުރުން އެ ޤައުމުގެ އަސްކަރީ މަރުކަޒުތައް ވެސް އީރާނަށް ޙަމަލާދިނުމުގެ އެއްވެސް ކަމެއްގައި ބޭނުންކުރުުމުގެ ފުރުޞަތު އެމެރިކާއަށް ނުދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ސްޕެއިންގެ އިޤްތިޞާދާބެހޭ ވަޒީރު ކާލޯސް ކުއޭޕޯ ވިދާޅުވި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ސްޕެއިނުގެ އެއްވެސް ބައިވެރިވުމެއް ނުބޭއްވުމަށެވެ. މި ހަނގުރާމައަކީ ބައިނަލްއަޤުވާމީ ހަމަތަކާ ބޭރުން ހިންގާ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި މައްސަލައިގައި ސްޕެއިންގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒް ވެސް ވަނީ ހަރުކަށި އިބާރާތުން އެމެރިކާގެ އަމަލުތައް ކުށްވެރި ކުރައްވައިފައެވެ. ސަންޗޭޒް ވިދާޅުވީ ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ކުރިއަށްގެންދާ މި ހަނގުރާމައިގެ އިޤުތިޞާދީ އަދި މާލީ ބުރަ ދުނިޔޭގެ ހުރިހާ ރައްޔިތުން އުފުލަންޖެހުމަކީ އިންސާފެއް ނޫން ކަމަށެވެ.
ބޮޑުވަޒީރު ސަންޗޭޒް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަނގުރާމައަކީ ކަނޑައެޅިގެން ”ޣައިރުޤާނޫނީ“ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ޓްރަމްޕްގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އީރާނަށް ޙަމަލާ ދިނުމަށް ސްޕެއިންގެ އެހީތެރިކަން ނުލިބުމާ ގުޅިގެން، ޓްރަމްޕް ވަނީ ސްޕެއިން އާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑައިލާނެކަމުގެ އިންޒާރު ދެއްވާފައެވެ.



