އޭލެވެލް އިމްތިޙާނުން ފަސް މާއްދާއިން ’އޭ ސްޓާ‘ ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގައި، ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރެވޭ ގޮތަށް އުސޫލު އަލުން އިސްލާހުކޮށްފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ރޭ ގެޒެޓްކުރި އައު އުސޫލުގައިވާ ގޮތުން، މީގެ ކުރިން އަމަލުކުރަމުން އައި ގޮތަށް ބަދަލުކޮށް، ދަރިވަރުން ކިޔަވަން ބޭނުންވާ ރޮނގަކުން ކުރިއަށް ދިއުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި ސްކޮލަރޝިޕްގައި ކިޔެވޭނީ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ”ޓްރެއިނިންގ ނީޑްސް“ ލިސްޓުގައި ހިމެނޭ ދާއިރާތަކުން ކަމަށް ބުނެ އިއްޔެ މިނިސްޓްރީން ނިންމި ނިންމުމާ ގުޅިގެން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ސޯޝަލް މީޑިއާގައި ވަނީ ފާޅުކޮށްފައެވެ. އެހެންނަމަވެސް، ރޭ ނެރުނު އިސްލާހާއެކު އެ ނިންމުން ބަދަލުކޮށް، މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންނަށް ވެސް އެ ކުދިން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ.
ރައީސްގެ ސްކޮލަރޝިޕްގެ އިތުރުން ’ހައި އެޗީވާސް‘ ސްކޮލަރޝިޕްގެ އުސޫލަށް ވެސް ސަރުކާރުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ދެން މި ސްކޮލަރޝިޕް ދޭނީ އޭލެވެލް އިމްތިޙާނުގެ މަދުވެގެން އެއް މާއްދާއިން ’އޭ ސްޓާ‘ ހޯދާ ދަރިވަރުންނަށް ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. ސަރުކާރުން ގެޒެޓްކުރި އުސޫލުގައި ދަރިވަރުންނަށް ލުއިފަސޭހަވާނެ އިތުރު ކަންތައްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ތަފްސީލުތައް ވެސް ވަނީ ހިމަނާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ދަރިވަރުން ތަޢުލީމު ނިންމުމަށްފަހު ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ދިވެހި ސަރުކާރަށް ޚިދުމަތް ކުރަން ޖެހެއެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ނުކުރާނަމަ، ސްކޮލަރޝިޕަށް ސަރުކާރުން ހިނގި ޚަރަދު އަނބުރާ ދައްކަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މި ބަދަލުތަކަކީ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ގެނައި މުހިންމު ބަދަލުތަކެކެވެ.



