މުދާ އުފުލާ ދޯޏްޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުން ދަނީ “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ މި ދޯނި ގެއްލިފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
އިއްޔެ ހެނދުނު 06:00 ކ.ތިލަފުށިން މިދޯނި ދަތުރު ފެށީ މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދިއުމަށެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެގ 17:20 ހާއިރު ކަމަށެވެ. އަދި، އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ދަނީ ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ.



