އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ހަދަން މިއަދު ހުޅުވާލައިފިއެވެ.
އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނީ އިންޓާންޝިޕަށް އެދި އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.
އިންޓާންޝިޕް ހަދަން މި ބުރުގައި 15 ޖާގަ ވަނީ ކަނޑައަޅާފައެވެ.
މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދު އޮންނަ ގޮތުން ޕްރެކްޓިސް ކުރުމަށް ޑޮކްޓަރުންނަށް ލައިސެންސް ދެވޭނީ 5-6 އަހަރުގެ ކިޔެވުމަށް ފަހު އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކުރުމުންނެވެ.
އެ އިންޓާންޝިޕަށް ޝަރުތު ހަމަވާނީ މެޑިކަލް ކޮލެޖު ނުވަތަ ޔުނިވާސިޓީން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮތް މީހުންނާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރަޖިސްޓްރޭޝަން ސެޓްފިކެޓް އޮތް މީހުންނަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތް މީހަކަށް ވާންޖެހެއެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި އެޕްލިކޭޝަން ފޯމާ އެކު އެމްބީބީއެސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ ފަދަ ލިޔުންތައް ހުށަހަޅަން ޖެހެ އެވެ.
އައިޖީއެމްއެޗްގައި އިންޓާންޝިޕް ޑިމާންޑު ބޮޑުވުމުން، އޭޑީކޭ ހޮސްޕިޓަލުގައި އިންޓާންޝިޕް ޕްރޮގްރާމް ފަށައިދިނުމަށް ހެލްތު މިނިސްޓްރީން އެދިގެން އެ ޕްރޮގްރާމު ދަނީ ހިންގަމުންނެވެ. އެކަމަކު އެތަނުން ޕްރޮގްރާމު ހިންގަނީ ޑޮކްޓަރުންގެ އަތުން މަހަކު 14،500ރ. ގެ ފީއެއް ނަގައިގެންނެވެ.




