މާލޭގެ މަގަކުން ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ މި މައްސަލައާ ގުޅިގެން ފިރިހެނަކު ދެނެގަތުމަށްޓަކައި ވީޑިއޯއެއް އާއްމުކޮށްފައެވެ.
ފުލުހުން ބުނީ އޭނާއަކީ، މަޖީދީމަގު އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، ކާކުކަން ނޭނގޭތީ އަދި ހޯދިފައިނުވާ މީހެއް ކަމަށެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ކަފިހިހުރަސް ކައިރިން މަގު ހުރަސްކުރަނިކޮށް އެ މީހާ ދުއްވި ކަޅުކުލައިގެ އެއާބްލެއިޑް ސައިކަލުން ވަނީ އަންހެނެއްގެ ގައިގައި ޖެހި، އެ އަންހެން މީހާ މަގުމައްޗަށް ވެއްޓިފައެވެ. އެ ވަގުތު ވެސް ސައިކަލު މަޑު ކުރުމެއް ނެތި އޭނާ ދުއްވާފައި ދާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
ވީޑިއޯއިން ފެންނަ އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުއް ފަރާތެއްވާނަމަ އެ މައުލޫމާތު ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.




