ޕޮލިސް ސްޓޭޝަންތަކުގައި ތިބެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފުލުހުންނަށް ކޯޓުތަކުގައި ހެކިބަސް ދެވޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފިއެވެ.
އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމާ ބެހޭ ގަވާއިދު ކުރިން އޮންނަ ގޮތުން ކޯޓަށް ހާޒިރު ނުވެ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެވޭނީ މައްސަލަތަކުގައި އެކްސްޕާޓުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ.
ނަމަވެސް އެ ގަވާއިދަށް ސުޕްރީމް ކޯޓުން މިއަދު ގެނައި އިސްލާހު ބުނާގޮތުން ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާ ފުލުހުން ވެސް ކޯޓަށް ހާޒިރުނުވެ، ފުލުހުންގެ މަރުކަޒެއްގައި އެ ފުލުހުން ތިބެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގާ ގޮތަށް ނިންމިދާނެއެވެ.
އެގޮތަށް ނިންމޭނީ އެ ފުލުސް މީހާ އަދާކުރާ ޒިންމާގެ ގޮތުން ކޯޓަށް ހާޒިރުވެވެން ނެތުން ނުވަތަ ފުލުހަކު ތަމްރީނެއް ހަދަމުންދާތީ، ތަމްރީނު މެދުކަނޑާލެވެން ނެތުން ނުވަތަ މައްސަލަ ހިނގަމުންދާ ކޯޓް ހުރި ރަށް ނޫން އެހެން ރަށެއްގައި އެ ފުލުހަކު ހުންނަ ހާލަތްތަކުގައި ކަމަށް އެ އިސްލާހުގައިވެއެވެ.
އެ ގަވާއިދު އޮންނަ ގޮތުން މަރުގެ މައްސަލަތަކުގައި އެކްސްޕާޓުން ހެކިބަސް ދިނުމަށްޓަކައި ސީދާ ކޯޓަށް ހާޒިރުވާން ޖެހޭނެ އެވެ. ނަމަވެސް މިއަދު ގެނައި އިސްލާހު އޮތްގޮތުން ފުލުހުންގެ މައްޗަށް އެ އުސޫލު ނުހިނގާތީ މަރުގެ މައްސަލަތަކުގައި ފުލުހުންގެ މަރުކަޒުތަކުގައި ތިބެގެން ހެކިބަސް ދެވޭނެއެވެ.



