ގެއްލުނު ދޯނި ހޯދުމަށް، މޯލްޑިވިއަން ފުލައިޓެއްގެ އެހީގައި ވައިގެމަގުން ބަލަން ފަށާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުން ދަނީ “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދިޔަ މި ދޯނީގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑުން ހޯދަން ފެށީ އިއްޔެގެ ވަގުތެއްގަ އެވެ. މިހާތަނަށް ކުރި މަސައްކަތުން އަދިވެސް ދޯނި ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
”މިހާތަނަށް ބެލިބެލުމުން އަދި އެ ދޯނި ފެނިފައި ނުވޭ. އެ ދޯނިން ހަތަރު މީހުން ދަތުރުކުރި ކަމަށް ދޯނީގެ ވެރިފަރާތުން ވަނީ ކޯސްޓްގާޑަށް މަޢުލޫމާތު ދީފަ.“ އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
އިއްޔެ ހެނދުނު 06:00 ކ.ތިލަފުށިން މިދޯނި ދަތުރު ފެށީ މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދިއުމަށެވެ. އެމްއެންޑީއެފް އިން ބުނީ، އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ 17:20 ހާއިރު ކަމަށެވެ. އަދި، އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ.
–



