މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް)އިން އަލަށް ފެށި، ”ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް“ ޚިދުމަތުގެ ދަށުން ފުރަތަމަ ފަހަރަށް މުދާ ބޭރުކޮށްފި އެވެ.
މިދިޔަ މާޗްމަހުގެ 15 ވަނަ ދުވަހު އެމްޕީއެލް އިން ތައާރަފުކުރި ”ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް“ގެ ޚިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް މުދާއެތެރެކޮށް، އެމުދާ ވައިގެ މަގުން އެހެން ގައުމުތަކަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރި ފަސޭހަ އަދި އަވަސް ޚިދުމަތެއްކަމަށެވެ.
މި ޚިދުމަތުގެ ދަށުން މިއަދު ވަނީ ފުރަތަމަ ޝީޕްމެންޓް ބޭރުކޮށްފަ އެވެ. މި ޝިޕްެންޓް ބޭރުކޮށްފައިވަނީ މިޚިދުމަތަށް ކާގޯ ޕާޓްނަރެއްގެ ގޮތުގައި އެމްޕީއެލްއިން ހަމަޖައްސާފައިވާ ޓާކިޝް އެއާލައިނުންނެވެ. މިއަދު މުދާބޭރުކުރީ ކިހާ މިންވަރެއްކަމެއް އަދި އެމްޕީއެލްއިން ހާމަކޮށްފައެއް ނުވެއެވެ.
”ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް“ ޚިދުމަތުގެ ދަށުން ބޭރުކުރާ މުދަލުގެ ޓެރިފު ރޭޓުތަކެއް އެމްޕީއެލްއިން މީގެކުރިން ހާމަކޮށްފައި ވެއެވެ. އެގޮތުން 20 ފޫޓުގެ ކޮންޓެއިނަރގެ އަގަކީ 654.13 ޑޮލަރެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރގެ އަގަކީ 812.71 ޑޮލަރެވެ.
އެކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް މީގެކުރިން، ވިދާޅުވެފައިވަނީ ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ މުދާ ވައިގެ މަގުން އެހެން ޤައުމުތަކަށް ފޮނުވުމަށް ބޮޑު ޑިމާންޑެއް އެބައޮތްކަމަށެވެ. އަދި، މި ޚިދުމަތް ވެގެންދާނީ އެކުންފުނީގެ އިތުރުން މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް ހެޔޮ ބަދަލުތަކެއް ގެނުވާނެ ޚިދުމަތަކަށްކަމަށްވެސް ވަޖީހް ވިދާޅުވެފައި ވެއެވެ.
އެމްޕީއެލްއިން ބުނީ، ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ކަނޑާއި ވައިގެ މަގުން މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެއްކަމަށެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ކަމަށް ބުނެފައި ވެއެވެ.



