ހދ. ކުޅުދުއްފުށްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް، ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން، އެޗްޑީސީއާ ހަވާލުކޮށްގެން، އެ ސިޓީގައި ތަރައްގީކުރާ 2،000 ހައުސިންގ ޔުނިޓުގެ ބިންގާ ރޭގައި އަޅައިފިއެވެ.
މިކަމަށްޓަކައި ރޭ ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅައިދެއްވީ، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. އަބްދުﷲ މުއްތަލިބް އާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް އަދި އެޗްޑީސީގެ މެނޭގިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރިޓެޔަރޑު) އަލީ ޒުހައިރުއާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާވޫދު އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދުގެ އިތުރުން، ޓީމްވަން އިންޑިޔާ ޕްރައިވެޓް ލިމިޓެޑް ގެ ޑިޒައިން ޑިރެކްޓަރ ބަޝީރު އަހްމަދު އުރަފާ އެވެ.
އާއިލީ ބޯހިޔާވަހިކަމަށް އިސްކަންދީގެން މިރޭ ބިންގާ އެޅިގެންދިޔަ އެ މަޝްރޫއުގެ ދަށުން، 14 ބުރީގެ މިކްސްޑް ރެސިޑެންޝިއަލް އިމާރާތްތަކުގައި 1856 ފްލެޓު ތަރައްގީކުރުމުގެ އިތުރުން، މިރަށުން ދޫކޮށްފައިވާ ގޯތިތަކުގައި އަމިއްލަ ގެދޮރު ތަރައްގީކޮށްދިނުން ހިމެނެއެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ ހުސް ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއެވެ.
ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް، އެ ރަށުގައި 2،000 ހައުސިންގ ޔުނިޓު އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދެކެވެ. އެގޮތުން، އެ މަޝްރޫއު، ހައުސިންގ މިނިސްޓްރީގެ ފަރާތުން އެޗްޑީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ.




