ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައީސް ކަމަށް އިންތިހާބުވާނެ ބޭފުޅަކު އެނގިވަޑައިގަތުމެއް ނެތި މަޖިލީހަށް މެމްބަރުން އިންތިހާބުކުރަން ލިބޭ ފުރުސަތެއް ކަމަށާއި އެއާއެކު ރައްޔިތުންގެ މަޖިލީހުން ސުޕަމެޖޯރިޓީގެ ނިޒާމު ނެތިކޮށްލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރޭގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ، މަގުބޫލު ނޫން ނިންމުމެއް ނަގައިގެން ވިޔަސް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ޤައުމަށް ފައިދާ ހުރި ކަންކަން ކުރައްވަން ކަމަށެވެ.
އެއީ ވޭޕް މަނާކުރުމާއި ޖެނަރޭޝަން ބޭނެއް ގެނައުން ކަމަށް ވިޔަސް މަސައްކަތްޕުޅު ކުރައްވަނީ ގައުމުގެ މުސްތަގުބަލަށް ފައިދާވާނެ ކަންކަން ކުރުމުގައި ދެމިހުންނެވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އެއް ދުވަހެއްގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޭއްވުމަކީ ވެސް އެފަަދަ ކަމެކެވެ. މިހާރު އޮންނަ ގޮތުން ނަމަ ރިޔާސީ އިންތިހާބަށް ފަހު، އޭގެ ހަ މަސް ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ޖެހޭއިރު، އެކަމުން ލިބޭނެ ފައިދާއެއް ނެތް ތަނުގައި ލިބެނީ ހުސް ގެއްލުން ކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ރިޔާސީ އިންތިހާބަކަށް ފަހު، ސަރުކާރެއް ހޮވުމުން ދެން މަޖިލިސް އިންތިހާބު ބޭއްވުމުން، ސަރުކާރު ޕާޓީން އަމިއްލަ މަސްލަހަތު އިސްކުރާނަމަ މިނިވަން އިންތިހާބެއް ބޭއްވުމަށް އޮންނަ ފުރުސަތު ގެއްލޭނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ގައުމީ ވިސްނުމުގައި ވެރިކަން ކުރުމުގެ ވިސްނުން ނެތް ނަަމަ އޭގެ ނަތީޖާ ނިކުންނާނީ ވަރަށް ގޯސްކޮށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.




