މާލޭގެ މި ސަރަހައްދަށް އިޖްތިމާއީ އެތައް މައްސަލައެއް ދިމާވެފައިވާއިރު، އަމާޒަކީ އެކަންކަން ހައްލުކޮށް ރައްޔިތުން ބޭނުންވާ ބަދަލު އަލުން ރައްޔިތުންނާއި ހަމައަށް ގެނެސްދިނުންކަމަށާއި، އެމަނިކުފާނަކީ ”ކަންނެތް“ ނުވެ ހިދުމަތުގެ މައިދާނުގައި އަބަދުވެސް ކުރިޔަށް ދާނެ ބޭފުޅެއް ކަމުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެ އެވެ.
މޫސަ މިހެން ވިދާޅުވީ، ޕީއެންސީން ރޭގައި ބޭއްވި އެ ޕާޓީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރޭގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލްގެ ވާހަކަފުޅުގައި އެންމެ ފުރަތަމަ ވެސް ފާހަގަކުރެއްވީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ސިޓީއަށް ގެނައި ތަރައްގީއާއި ބަދަލުތަކެވެ.
އެގޮތުން މޫސަ ވަނީ ރައްޔިތުން ބޭނުންވި ގޮތަށް، ގާތުން މަސައްކަތް ކުރައްވައި ރައީސް މުއިއްޒު އެތައް ހިދުމަތެއް ގާއިމުކުރެއްވިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން މިއަދު އެމަނިކުފާނު ތަންފީޒު ކުރެއްވި އެތައްކަމެއް، ފަނޑުވެގެން ގޮސް އެ ކަންކަން ނެތިގެން ގޮސްފައިވާކަމަށް މޫސަ ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނުގެ މަސައްކަތް ނަމޫނާއަކަށް ބައްލަވައި، މޭޔަރުކަމަށް ވާދަކުރައްވާއިރު މޫސަ ވަނީ މާލޭގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މޫސަ ވިދާޅުވި ގޮތުގައި، ”ގްރޭޓަރ މާލެ“ ތަސައްވުރުގެ ދަށުން މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި ރަސްމާލެ ހިމެނޭހެން އެކުލަވާލާފައިވާ މާސްޓަރ ޕްލޭނަކީ ރާއްޖެ ދުވަހަކު ނުދެކޭފަދަ ބޮޑު އުމްރާނީ ތަރައްގީއެއް ގެނުވާނެ މަޝްރޫއެކެވެ.
މީގެ ސަބަބުން މުޅި މާލެ ސަރަހައްދުގެ ޖިއޯގްރަފީއާއި، ދަތުރުފަތުރާއި، ވިޔަފާރީގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވައި، މޫސަ ވިދާޅުވީ ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވިއިރު އެކުލަވާލެއްވި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ އިސްކަން ދެވިފައިވާ އެއް އަމާޒަކީވެސް ބޯހިޔާވަހިކަން ކަމަށެވެ. ނަމަވެސް ފާއިތުވި ތިން އަހަރު ސިޓީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން އެކަންކަމަށް ހުރަސް އެޅުނުއިރު، މަގާމަށް އިންތިހާބުވެއްޖެ ނަމަ އަޒުމަކީ ސަރުކާރާ ގުޅިގެން ރަސްމާލެ ފަދަ މަޝްރޫއުތައް މެދުވެރިކޮށް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުންކަމަށް މޫސަ ވިދާޅުވިއެވެ.



