ކައުންސިލްތަކުގެ މެންބަރުންނަކީ އެއްވެސް ހާލަތެއްގައި ސަރުކާރު ޖަވަބުދާރީ ކުރުވުމަށް ހޮވާ މެންބަރުންނެއް ނޫން ކަމަށާއި، އެކަން ކުރާނީ ރައްޔިތުން ހޮވާފައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާލުވެއްޖެއެވެ.
މަހުލޫފް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ރޭގައި ކުރިޔަށް ގެންދިޔަ، އެ ޕާޓީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިއީ މަހުލޫފް ޕީއެންސީއާއި ގުޅިވަޑައިގަތުމަށް ފަހު، ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
ރޭގެ ޖަލްސާގައި މަހުލޫފް ވަނީ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވައި، އެ ކެންޑިޑޭޓަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދުވެސް ދެއްވާފައެވެ.
އެގޮތުން މަހުލޫފް ވަނީ، މޫސާ އަލީ ޖަލީލަކީ ގައުމީ ހިދުމަތް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ، އެކަމަށް ބައެއް ފަރާތްތަކުން އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވާފަ އެވެ. އެކަމަށް އިޝާރާތް ކުރައްވައި މަހުލޫފް ވިދާޅުވީ ގައުމީ ދިފާއީ ބާރު ނުވަތަ ފުލުހުންގެ މުއައްސަސާގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަކީ ގައުމަށް ވަރަށް ފުރިހަމަ ހިދުމަތްތަކެއް ކޮށްދެވޭނެ ބޭފުޅުން ކަމަށެވެ. އަދި އެބޭފުޅުންގެ ފަރާތުން ގައުމަށް އިހުސްލާތެރިކަމާއި ވަފާތެރިކަން ފެންނާނެކަމަށް ވިދާޅުވިއެވެ.
އެގޮތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސައާއި ބެހޭގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތްކަމަށާއި، އެމަނިކުފާނަށް ފުރިހަމަ އިތުބާރާއެކު ވޯޓު ދެއްވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.
”ހުރިހާ ސަރުކާރެއްގައި ވެސް އަޅުގަނﷲު ބައިވެރިވެފައި ވާނެ، އޭގެ ސަބަބުން ފައިދާ ކުރާނީ ރައްޔިތުންނަށް. ކައުންސިލް އިންތިހާބަކީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ބަޔަކު ހޯދުމުގެ އިންތިހާބެއް ނޫން، މިއީ ރަށުގެ ތަރައްގީއަށް އެއްބާރުލުންދޭނެ ބަޔަކު ހޮވުމަށް ބާއްވާ އިންތިހާބެއް“ މަހުލޫފް ވިދާޅުވިއެވެ.
މީގެއިތުރުން މަހުލޫފު ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ މައިގަނޑު ބޭނުމަކީ އެ ވަގުތެއްގައި އޮންނަ ސަރުކާރަކުން ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތަކުގައި ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުންދޭނެ ބަޔަކު ހޯދުން ކަމަށާއި ނިމިދިޔަ ހުރިހާ އިންތިހާބުތަކެއްގައި ވެސް ސަރުކާރުގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދެނީ މި ސަބަބަށްޓަކައި ކަމަށެވެ.




