މާލޭގެ މަގަކުން ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދުމަށް ފުލުހުން އިއްޔެ އިއުލާނު ކޮށްފައިވަނިކޮށް، ރޭގައި އޭނާ އަމިއްލައަށް ޕޮލިހަށް ހާޒިރުވެއްޖެއެވެ.
ފުލުހުން އިއްޔެ ވަނީ އެ މައްސަލައާ ގުޅިގެން ފިރިހެނަކު ހޯދުމަށް އިއުލާނުކޮށް ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.
ފުލުހުން އިއްޔެ ބުނީ އެ ފިރިހެން މީހާއަކީ، މަޖީދީމަގު އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، ކާކުކަން ނޭނގޭތީ އަދި ހޯދިފައިނުވާ މީހެއް ކަމަށެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ކަފިހިހުރަސް ކައިރިން މަގު ހުރަސްކުރަނިކޮށް އެ މީހާ ދުއްވި ކަޅުކުލައިގެ އެއާބްލެއިޑް ސައިކަލުން ވަނީ އަންހެނެއްގެ ގައިގައި ޖެހި، އެ އަންހެން މީހާ މަގުމައްޗަށް ވެއްޓިފައެވެ. އެ ވަގުތު ވެސް ސައިކަލު މަޑު ކުރުމެއް ނެތި އޭނާ ދުއްވާފައި ދާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އެހެންކަމުން އެމީހާ ހޯދަން ފުލުހުން އިއްޔެ ވަނީ ޕޯސްޓެއްކޮށްފައެވެ.
ފުލުހުން މިއަދު ބުނީ އެ ޕޯސްޓާ ގުޅިގެން އެ މީހާ ވަނީ ފުލުހުންގެ އިދާރާއަށް ރޭގެ ވަގުތެއްގައި ހާޒިރުވެފައި ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެއެވެ. އަދި އެ މީހާގެ ވަނަވަރު ވެސް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އިތުރަށް ދަނީ ތަހުގީގުކުރަމުންނެވެ.




