ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖެއަށް ގެންނަ ބިދޭސީންގެ އަދަދު 20 އަށްވުރެ ދަށްކަމުގައިވާނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ބިދޭސީން އެތެރެކުރުމަށް 2000 ރުފިޔާގެ ކޯޓާ ފީއެއް ސަރުކާރަށް ދައްކަން ޖެހެއެވެ.
ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގައި އަވައްޓެރި އެކި ޤައުމުތަކަށް ނިސްބަތްވާ ބިދޭސީން އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވެއެވެ. މިގޮތުން އެތެރެކުރާ ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީއެއްގެ ގޮތުގައި 2000 ރުފިޔާ، 12 މަސްދުވަހުގެ ތެރޭގައި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދައްކާ ނިންމަންޖެހެއެވެ.
މިކަމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމަށްޓަކައި ސަރުކާރުން މިހާރުވަނީ ”ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް“ އިސްލާހެއް ގެނެސްފައެވެ.
މި އިސްލާހާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރުމަށް އެދި ހުށައަޅާފައިވާ ބިދޭސީންގެ އަދަދު 20 އަށްވުރެ ދަށްކަމުގައިވާނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށްވަނީ ހަމަޖައްސާފައެވެ.
އެހެންނަމަވެސް މިއިސްތިސްނާ ދެވޭ ކުންފުންޏާއި ގުޅުންހުރި ވިޔަފާރީގެ ހިއްސާދާރަކު ނުވަތަ މަސްއޫލުވެރިޔަކު ހިމެނިގެން އުފައްދާފައިވާ އެހެން ކުދި އަދި މެދު ފަންތީގެ އެހެން ވިޔަފާރިއަކަށް މި މާއްދާގެ ދަށުން ދެވޭ ކޯޓާ ފީ ދެއްކުމުންދެވޭ އިސްތިސްނާއެއް ނުލިބޭނެކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.
ހަމައެއާއެކު އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުންވެސް 20 އަށްވުރެ ކޯޓާ އިތުރުކުރާ ހާލަތުގައި 21 ވަނަ ސްލޮޓުން ފެށިގެން އިތުރުވާ ކޯޓާތަކަށް، ކޯޓާ ފީ ދައްކަންޖެހޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.




