ރަށުގެ ތަރައްގީއަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހުރަސްނާޅާ، ފުރިހަމައަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް އިންތިހާބު ކުރުން މުހިންމު ކަމަށާއި ތަރައްގީ ހުއްޓުވާ ބަޔަކު ހޮވުމަކީ އަމިއްލަ މުސްތަގުބަލު ބަންދުކޮށް، މަޑުޖައްސާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ޕީއެންސީން ރޭގައި ކުރިޔަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރު ޖަވާބުދާރީކޮށް، ފާރުވެރިވުމަށް އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓުދޭން ބުނެ އެމްޑީޕީ ދަނީ ކެމްޕެއިން ކުރަމުންނެވެ. އަދި މިއީ މިފަދަ ގޮތަކަށް ސަރުކާރާއި ދެކޮޅަށް ބަސް ބުނުމަށް ލިބޭނެ ފަހު ފުރުސަތުކަމަށް ވެސް އިދިކޮޅުން ބުނެއެވެ.
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ މުވައްސަސާއެއްގެ ގޮތުގައި، ބުނަމުންދާތީ މީގެ ކުރިން ވެސް ރައީސް މުއިއްޒު އެކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެއްވެސް މެންޑޭޓެއް ކައުންސިލްތަކުގެ ނޯންނާނެކަން ފާހަގަކުރައްފައެވެ.
މީގެއިތުރުން އެމަނިކުފާނު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ރަށްތަކުގައި ފެށުމަށް ސޮއި ކުރި މަޝްރޫއުތައް ހުއްޓިފައި ވަނީ އިދިކޮޅު ކައުންސިލްތަކުން އެކަމަށް ހުރަސްއަޅާތީކަމަށް ވިދާޅުވެފައެވެ. އެހެންވެ އެމަނިކުފާނު އެދިވަޑައިގަތީ ތަރައްގީ ނުހުއްޓުވާނެ ކައުންސިލެއް ހޮވުމަށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށެވެ.




