ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އަޟްހާ އީދު ފާހަނގަކުރާނެ ތިން ރަށެއް ކަނަޑައެޅުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ވުޒާރާއިން މިއަހަރުގެ އަޟްހާ އީދު ފާހަނގަކުރަން ޝައުގުވެރިވާ ރަށްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅާފައި ވެއެވެ. މި ރަށްތަކުގެ ނަންތައް އެވުޒާރާއިން ހަމާކޮށްފައެއް ނުވެއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ، 1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލާފަ އެވެ. މި ކޮމިޓީގެ މަސައްކަތަކަށް ވާނީ، 26 ރަށުން ހުށަހަޅާފައިވާ، ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމުގެ މަސައްކަތެވެ. ރަށްތައް ކަނޑައަޅާނީ، ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި އެކަމަށް ހިނގާނެ ޚަރަދުތަކާއި އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބިނާކޮށްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.
މިހާރު ރަށް ކަނަޑައެޅުމުގެ މަސައްކަތް ފަށާފައިވާއިރު، މާކްސް ދިނުމުގެ ކަންކަން ނިންމާ ޢީދު ފާހަގަކުރުމަށް ކަނޑައަޅާ ތިންރަށް ކުރިއަށް އޮތް ހަފްތާގައި އިޢުލާނުކުރާނެކަމަށް އެ ވުޒާރާއިން ބުންޏެވެ.




