ފެނަކަ ކޯޕަރޭޝަން އާއި އޭޝިއަން ޑިވެލޮޕްމެންޓް ބެންކް (އޭ.ޑީ.ބީ) ގުޅިގެން ކުރިއަށްގެންދާ ”ޕްރިޕެއަރިން އައުޓަރ އައިލެންޑްސް ފޯރ ސަސްޓައިނަބަލް އެނަރޖީ ޑިވެލޮޕްމަންޓްް ޕްރޮޖެކްޓް“ ޕޮއިސްޑްގެ އެހީގައި ތ. ކިނބިދޫގައި ގާއިމު ކުރެވުނު ސޯލާ-ޕީވީ-ބީއީއެސްއެސް-ޑީސަލް ޖެނެރޭޓަރ ހައިބްރިޑް ޕަވަރ ސިސްޓަމް ޕްރީ-ކޮމިޝަން ކުރަން ފަށައިފިއެވެ. ޕްރީ-ކޮޝަންކުރަނީ ކޮމިޝަން ކުރަން ނުވަތަ ރަސްމީކޮށް ބޭނުން ކުަރަން ފެށުމުގެ ކުރިން ސިސްޓަމް ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުމަށެވެ.
މި އުފާވެރި ޙަބަރު އިޢުލާން ކުރަމުން ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި އީޖާދީ މި ސިސްޓަމް ބޭނުންކުރަން ފެށުމުން ސޯލާއިން އުފައްދާ ހަކަތަ ރަށަށް ބޭނުން ކުރަމުން، ސޯލާ ޕީވީ ތަކުން އުފައްދާ ހަކަތަ ރަށަށް ބޭނުންކުރާ މިންވަރަށް ވުރެން އިތުރުވާ ހަކަތަ ބެޓެރިތަކުގައި ރައްކާކުރަމުން، ރައްކާކުރެވުނު ހަކަތަ ބޭނުންކުރެވޭ ވަގުތު ތަކުގައި ޑީސަލް ޖެނެރޭޓަރު ނިއްވާލެވޭނެއެވެ. މިގޮތުން ޑީސަލް ޖެނެރޭޓަރު ދުވާލުގެ ގިނަގަޑިތަކުގައި ނިއްވާލެވި ޑީސަލަށް ކުރަންޖެހޭ ޙަރަދު ކުޑަކުރެވޭނެއެވެ.
ސޯލާ-ޕީވީ-ބީއީއެސްއެސް-ޑީސަލް ޖެނެރޭޓަރ ހައިބްރިޑް ޕަވަރ ސިސްޓަމް އަކީ ރާއްޖެފަދަ ކުދި ރަށްތަކުގައި ބޭނުން ކުރަން އެންމެ އެކަށޭނަ ސިސްޓަމްއެވެ. ސަބަބަކީ ސޯލާ ޕީވީއަށް އެކަނި ބަރޯސާވާނަމަ އަވި ނުލިބޭ ވަގުތުތަކުގައި ހަކަތަ ނުލިބޭނެތީއެވެ. އަދި ސޯލާ ޕީވީއާއި ބެޓެރި ގުޅައިގެން ވަކިން ގޭގެއަށް ކަރަންޓް ފޯރުކޮށްދިނަސް ބައެއްފަހަރު މި ސިސްޓަމްއަށްވެސް އެއްކޮށް ބަރޯސާވެވެން ނޯވެއެވެ. ނަމަވެސް ފެނަކައިން ތ. ކިނބިދޫގައި މި ގާއިމުކުރި ސިސްޓަމަކީ ފެނަކައިގެ ކަރަންޓް ވިއުގައަށް އިއާދަ ކުރަނިވި ހަކަތައާއި ތެލުން އުފައްދާ ހަކަތަ ގުޅާލާ ރަށުގެ ރައްޔިތުންނަށް ދަތިނުވާގޮތަށް އިއާދަކުރަނިވި ހަކަތައަށް އިސްކަން ލިބިގެންދާނެ ސިސްޓަމެކެވެ.
ފެނަކައަކީ ރާއްޖޭގެ ރަށްތަކާއި ސިޓީތަކުގެ ތެރެއިން 157 ރަށެއްގައި އިންޖީނުގެ ހިންގާ ކުންފުންޏެކެވެ. އަދި ފެނަކައިގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކަނޑައަޅާފައިވާ ރާއްޖޭގެ ހަކަތައިގެ %33 އިއާދަކުރަނިނވި ހަކަތައަށް ބަދަލުކުރުމުގެ ސިޔާސަތަށް ވާސިލުވުމަށް ކުންފުނީގެ ފަރާތުން އަވަސް މުސްތަޤްބަލެއްގައި އެލަނޑުދަނޑި ހާސިލު ކުރުމެވެ.




