މިއަދުން ފެށިގެން ކުރިއަށް އޮތް ހަފްތާއަށް ޓެކްސީ ލައިންގެ ހިދުމަތް މުޅިން ހިލޭ ލިބޭނެ ކަމަށް އެމްޓީސީސީ އިން މިއަދު އިއުލާނުކޮށްފިއެވެ.
އެމްޓީސީސީން ބުނީ، 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހު އިފްތިތާހް ކުރެވުނު މާލެ ޓެކްސީ ލައިންގެ ހިދުމަތް މިއަދުން ފެށިގެން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް މުޅިން ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މުއްދަތުގައި ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން 1655 ހޮޓްލައިން މެދުވެރިކޮށް ދަތުރުތައް ބުކް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިގޮތަށް ހިލޭ ދަތުރުތައް ކުރުމަށް ފުރުސަތު ހުޅުވާލުމުގެ މައިގަނޑު މަގްސަދަކީ، ހިދުމަތުން އަގު ނަގަން ފެށުމުގެ ކުރިން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށް އެމްޓީސީސީން ބުންޏެވެ.
މާލޭގައި އާއްމު ދަތުރުފަތުރު ކުރުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރުމުގެ މަގްސަދުގައި ސަރުކާރުން މި ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ ރޭގައެވެ. ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.




