ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި ނަމަވެސް އަންނަ ހަފްތާގައި ކިޔެވުން ފެށެންވާއިރަށް ކިޔެވުން ނުހުއްޓި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ސްކޫލުގެ އޭސީއެއްގައި ރޯވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. އަލިފާނުގެ ސަބަބުން އެއް ބްލޮކެއްގައި ހުރި ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިންގ ރޫމުގެ އިތުރުން އެއް ކްލާސްރޫމް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ.
ރަށުގެ ރައްޔިތުން ނުކުމެ ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ބައިގަޑިއެއްހާއިރުގެ މަސައްކަތުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ގއ. އަތޮޅު ތައުލީމީ މަރުކަޒަށް މި ކުރިމަތިވި ހާދިސާއަކީ ލިބުނު ވަރަށް ބޮޑު ދެރައެއް އަދި ސްކޫލަށް ލިބުނު ބޮޑު ގެއްލުމެކެވެ. ނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނޭރުވުމަށްޓަކައި މިނިސްޓްރީން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން، އަންނަ ހަފްތާގެ ކިޔެވުން ފެށެންވާއިރަށް ޕްރިންޓިންގ ރޫމަށް ބޭނުންވާ މެޝިނަރީއާއި، މުދައްރިސުން ބޭނުންކުރާނެ ކޮމްޕިއުޓަރާއި ފަރުނީޗަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
އަލިފާން ނިއްވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ވިލިނގިލީގެ ރައްޔިތުންގެ ހިއްސާ ނުހަނު ބޮޑުކަން ފާހަގަކޮށް، އެޑިޔުކޭޝަން މިނިސްޓްރީގެ ނަމުގައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.



