މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި ފުރަތަމަ ފަހަރަށް ”ޕްރައިމަރީ ޕީ.ސީ.އައި“ ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ޚިދުމަތް އައްޑޫގައި ފަށައިފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި (އޭއީއެޗް) ނެޝަނަލް ކާޑިއަކް ސެންޓަރު ގުޅިގެން ހުސްވި މާޗް މަހުގެ 31 އިން މި މަހުގެ 2 ކަށް ކުރި ދަތުރުގައި ހިތުގެ ބަލިތަކަށް ފަރުވާދިނުމުގައި ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ދަތުރުގައި މާލޭގެ ބޭރުން ފުރަތަމަ ފަހަރަށް ”ޕްރައިމަރީ ޕީ.ސީ.އައި“ ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ޚިދުމަތް އައްޑޫ ސިޓީގައި ކާމިޔާބުކަމާއެކު ފަށާފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ.
މީގެ އިތުރުން، ހިތުގެ މައްސަލަތަކަށް ބޭނުންވާ ”އައި.ސީ.ޑީ“ އަދި ”ޕާމަނަންޓް ޕޭސްމޭކަރ“ ހަރުކުރުމުގެ ޚިދުމަތްވެސް ތަޢާރަފުކޮށްފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ. ސީއީއޯ ހަލީމް ވިދާޅުވި ގޮތުގައި، މި ދަތުރުގައި ޖުމްލަ 11 އެންޖިއޯގްރާމް އާއި ހަ އެންޖިއޯޕްލާސްޓީ ހަދައި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު ފަރުވާތައް ވަނީ ފޯރުކޮށްދީފައެވެ.
ސީއީއޯ ވިދާޅުވީ، ސިއްޙީ ޚިދުމަތް ލާމަރުކަޒުކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅުނު މި މުހިންމު ފިޔަވަޅާއެކު، ފަރުވާ ހޯދުމަށް މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުވާނެ ކަމަށެވެ.
އަދި މި ހިދުމަތާއި އެކު ހިތުގެ ބަލިތަކަށް ބޭނުންވާ އަވަސް ފަރުވާގެ ޔަގީންކަން ދެކުނުގެ ރައްޔިތުންނަށް ލިބިގެންގޮސްފައިވާ ކަމަށްވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.




