ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ނިންމާލުމުގެ ގޮތުން ޕީއެންސީން ބޭއްވި ފޯރިގަދަ ހިނގާލުމުގައި އެތަށް ހާސް ބަޔަކު ބައިވެރިވެއްޖެއެވެ.
ޕީއެންސީން މި ހަރަކާތް ފެށީ އެ ޕާޓީގެ ހަރުގެ ކުރިމަތިންނެވެ.
މިގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދާއި ސަރުކާރުގެ ވަޒީރުންނާއި މަޖިލީސް މެންބަރުން މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތުގައި ބައިވެރިވި ޕާޓީއަށް ތާއިދު ކުރާ މެންބަރުން ޕީއެންސީ ޓީޝާޓް އާއި ތޮފި އަދި ގައުމީ ދިދަ ހިފައިގެން މަޖީދީ މަގުން ހިނގާލުން ކުރިއަށް ގެންގޮސްފައިވާއިރު، ”ވޯޓު ދޫންޏަށް“ ނަމުގައި ކެމްޕެއިން ބެނާތައްވެސް މި ހަރަކާތުގައި ބޭނުން ކޮށްފައި ވެއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް، ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު އިރުއޮއްސި 6:00 އަށް ވަނީ ހަމަވެފައެވެ.



