މާދަމާ ބާއްވާ އިންތިހާބުތަކުގައި ޕީއެންސީއަށް ވޯޓުދީގެން ރައްޔިތުން މާޔޫސްނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކުގެ ކެމްޕޭން ނިންމާލުމަށް މިއަދު ބޭއްވި ރެލީގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރައްޔިތުން އިތުބާރުކޮށް ޕީއެންސީއަށް ދޭ ވޯޓު ވެގެންދާނީ ރައްޔިތުން ފަހުރުވެރިވާނެ ވޯޓަކަށް ކަމަށާއި، އެއީ އޭގެ ނަތީޖާ ނެރެދޭނެ ވޯޓަކަށް ވާނެ ކަމަށެވެ.
”ރައްޔިތުންގެ ތެރެއިން އެއްވެސް ބޭފުޅަކު މާޔޫސްވެގެންދާނެ ވޯޓަކަށް އެ ވޯޓު ނުވާނެ،“ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލްތަކަކީ ތިންބާރު ވަކިވެފައި އޮންނަ ނިޒާމުގެ ތެރޭގައި ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށެވެ. އަދި މިކަން މިހާ ތިލަކޮށް ބުނެދޭން ޖެހެނީ، ރައްޔިތުންނަށް އެއްވެސް ކަމެއް ހުށަނޭޅޭ ފަރާތްތަކުން ސިޔާސީ ބޭނުމަށްޓަކައި ދޮގު ހަދައި އޮޅުވާލަމުންދާތީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރަން ތިބޭ ބައެއް ކަމަށާއި، ނަމަވެސް އެކަން ކޯޅުމަކަށް ބަދަލުވެއްޖެނަމަ އޭގެ ގެއްލުން ލިބޭނީ ސީދާ ރައްޔިތުންނަށް ކަމަށެވެ. އެހެންކަމުން ގައުމީ ވިސްނުން އިސްކުރުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޝްރޫއުތައް ލަސްވެ ދުވަސްތައް ބޭކާރުވެގެންދާން ސަރުކާރުން އަދި ގައުމީ ވިސްނުމުގެ އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ބޭނުންވަނީ ވަރަށް ގައުމީ ވިސްނުމުގައި މަސައްކަތް ކުރާނެ ކައުންސިލްތަކެއް ކަމަށާއި، މާދަމާ ބާއްވާ ދެ އިންތިހާބުގައި ވެސް ގައުމީ ވިސްނުން އިސްކުރުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.




