ފަލަސްޠީނުގެ ޣައްޒާގެ ހުރިހާ ސަރަޙައްދަކުން އިސްރާއީލުގެ ނިރުބަވެރި ޔަހޫދީ ފައުޖުތައް ފައިބާނެކަމުގެ ޔަޤީންކަން ލިބުމުގެ ކުރިން، ހަތިޔާރު ބެހެއްޓުމުގެ މަޝްވަރާވެސް ނުކުރާނެ ކަމަށް ޙަމާސް ޖަމާޢަތުން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ސުލްޙައިގެ ޕްލޭނާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިންނެވެ.
އެމެރިކާގެ ރައީސް ހުށަހަޅުއްވާފައިވާ ޕްލޭނުގެ ދަށުން ޙަމާސުން ހަތިޔާރު ބެހެއްޓުމަކީ މުޙިއްމު ޝަރުތެކެވެ. އޭގެ ބަދަލުގައި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޖަމާކޮށްފައި ތިބި ޔަހޫދީ ސިފައިން ފޭބުން ވެސް އެ ޕްލޭނުގައި ހިމެނެއެވެ.
މިކަމާ ގުޅޭގޮތުން ޙަމާސްގެ ވަފުދެއް މިދިޔަ ބުދަ ދުވަހު ވަނީ ތުރުކީވިލާތާއި، މިޞްރު އަދި ޤަތަރުގެ މަންދޫބުންނާ ބައްދަލުކޮށްފައެވެ. މި ތިން ޤައުމުން ދަނީ ޓްރަމްޕްގެ ޕްލޭނު ތަންފީޒުކުރުމަށް މެދުވެރިއެއްގެ ދަޢުރު އަދާކުރަމުންނެވެ.
ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން، ޙަމާސުން ވަނީ އެ ބައްދަލުވުމުގައި ގިނަ ޝަރުތުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ހުއްޓައިލުމާއި، ޣައްޒާގެ ސަރަޙައްދުތަކުން ޔަހޫދީންގެ ފައުޖުތައް ފައިބާނެކަމުގެ ޔަޤީންކަން ހިމެނެއެވެ. ޙަމާސުން ފާހަގަކުރި ގޮތުގައި، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ދަނީ ޣައްޒާގެ އިތުރު ސަރަޙައްދުތަކަށް އަތްގަދަކުރަމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، ޔަހޫދީން ދަނީ ތަކުރާރުކޮށް ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ.
އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް މިހާތަނަށް ޣައްޒާގެ 700 އެއްހާ ރައްޔިތުން ޝަހީދުވެ، 1,600 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ޔަހޫދީން ވަނީ ޣައްޒާގައި 72,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.
ޣައްޒާއަށް ތެލާއި މުދާ ވެއްދުމަށް ޔަހޫދީން ވަނީ ހުރަސްއަޅާފައެވެ. ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދޭނެ މަގުތައް ބަންދުވެފައިވުމުގެ ސަބަބުން ޣައްޒާގައި އަނެއްކާވެސް ބަނޑުހައިހޫނުކަން ފެތުރުމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ޙަމާސުން ބުނެފައިވަނީ މިފަދަ ލާއިންސާނީ ޢަމަލުތަކަށް ޙައްލެއް ލިބުމުގެ ކުރިން، ހަތިޔާރު ބެހެއްޓުމުގެ އެއްވެސް މަޝްވަރާއެއް ކުރަން ބޭނުންނުވާ ކަމަށެވެ.



