ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ރ. ހުޅުދުއްފާރުގައި ގާއިމުކުރާ ފުޓްބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
އާރުޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުދުއްފާރު ފުޓްބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.
އަދި ދަނޑުގެ ބާކީ ހުރި މަސައްކަތްތައް ނިންމައި، މަޝްރޫއު އެއްކޮށް ނިންމާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ޖުމްލަ 4.9 މިލިއަން ރުފިޔާ އަށް އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ އެ ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ކުޅިވަރުގެ ދާއިރާއަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއަކަށް ވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުޅިވަރުގެ ތަރައްގީ ގެނެސްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ގިނަ މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ.
ވަކިން ހާއްސަކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައި ހުރި ކުޅިވަރު މަޝްރޫއުތައް އަލުން ފަށައި، ވީހާވެސް އަވަހަށް ނިންމުމަކީ ރައީސްގެ ވައުދުފުޅެކެވެ.



