މ. މުލީގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް އެ ރަށުގައި ބޭނުން ކުރުމަށް މުޅިން އައު ޖެންސެޓެއް ފޮނުވައިފިއެވެ.
ފެނަކައިން ބުނީ، އެ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މ.މުލީގެ ގައި ބޭނުން ކުރުމަށް މުޅިން އައު ޖެނެރޭޓަރެއް ފޮނުވާފައިވާ ކަމަށެވެ.
އެއީ 800 ކިލޯވޯޓުގެ ޖެންސެޓެއް ކަމަށާއި، މި ޖެންސެޓް އިއްޔެގެ ވަގުތެއްގައި މުއްޔަށް ބާލައި، ފެނަކަ މުލީ ބްރާންޗަށް މިއަދު ގެންދެވިފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނިގޮތުގައި، މި ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށުމަށް ތައޔާރުވަމުންދާއިރު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތަށް ގެނެވޭނެކަމަށް ލަފާކުރެވެއެވެ. މުލީގައި މި ޖެންސެޓް އިންސްޓޯލް ކުރެވުމުން، އެރަށުގެ އިންސްޓޯލް ކެޕޭސިޓީ 1200ކވ ން 2000ކވ އަށް އިތުރު ވެގެންދާނެކަމަށް ފެނަކައިން ބުންޏެވެ.
އަދި މި ޖެންސެޓް އިންސްޓޯލްކޮށް ޚިދުމަތަށް ބޭނުން ކުރަން ފެށުމުން، މުލީގެ ޑިމާންޑަށް ސަޕްލައި ކުރުމަށް އެއްވެސް ދަތިކަމެއް ނައިސް، ރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.



