ދިވެހި ރާއްޖެއިން އެމެރިކާގައި ހުންނަ އދ ގެ މިޝަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަލީ ނަސީރު މުހައްމަދު އދ ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އާމިނާ ޖޭ މުހައްމަދުއާއި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި މިއަދު މަޝްވަރާ ކުރައްވާފައިވަނީ، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގެ މުސްތަގުބަލާއި ބެހޭ ގޮތުންނާއި އަދި އެފަދަ ގައުމުތަކަށް ކުރިމަތިވާ ނާޒުކު ހާލަތްތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ ގޮތުން އެހީތެރިވެ، އެއްބާރުލުން ދޭނެ ގޮތްތަކާއި ބެހޭ ގޮތުންނެވެ. އަދި އެހީތެރިވުމުގައި އެގައުމުތަކަށް އެންމެ ފައިދާކުރުވަނިވި ގޮތަކަށް އަމާޒުކޮށްގެން މަސައްކަތްކުރުމާމެދުވެސް މަޝްވަރާކުރައްވާފައި ވެއެވެ.
މި ބައްދަލުވުމާއި ބެހޭ ގޮތުން އަލީ ނަސީރު ވިދާޅުވީ އަބަދުވެސް އާމިނާއާ ބައްދަލުވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއްކަމަށް ދެކިވަޑައިގަންވާ ކަމަށާއި، އެކަމަނާ ގެންގުޅުއްވާ ތަޞައްވުރާއި ފިކުރުގެ ސާފުކަމުން އެކަމާއި އިންސްޕަޔަރވާކަމަށެވެ.
ގިނަ ދުވަސްވަތައް ވަންދެން ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ އަލީ ނަސީރުވަނީ މީގެކުރިންވެސް، ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަން ކުރައްވާފަ އެވެ. އަދި އެމެރިކާ އާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަގާމުގައިވެސް ހުންނެވި އެވެ. އަދި، ފޮރިން ސެކްރެޓަރީކަންވެސް ކުރައްވާފައި ވެއެވެ.




