މިއަދު ކުރިއަށްދާ ވޯޓާ ގުޅިގެން މިހާތަނަށް ބޮޑު ޝަކުވާތަކެއް ލިބިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ޒާހިދު މިހެން ވިދާޅުވީ އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ މެންދުރު 14:00 ޖެހުމާ ހަމައަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ތެރެއިން %44 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށެވެ. މިއީ ވަރަށް ރަނގަޅު އަދަދެއް ކަމަށް ފާހަގަކުރައްވައި، އަދިވެސް ވީހާވެސް ގިނަ ރައްޔިތުން މި ވޯޓުގައި ބައިވެރިވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ވޯޓުލުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒާހިދު ވިދާޅުވީ މިހާތަނަށް ވޯޓުލުމުގެ ކަންކަން ގިނަ ފޮށިތަކުގައި ކުރިއަށްދަނީ ވަރަށް އަމާންކަމާއެކުގައި ކަމަށެވެ. ބައެއް މަރުކަޒުތަކުން ކުދި ޝަކުވާތަކެއް ހުށަހަޅާފައިވީ ނަމަވެސް، އެކަންކަން ވަގުތުން ހައްލު ކުރައްވަމުންދާ ކަމަށާއި، މިހާތަނަށް އިންތިޚާބަށް ބުރޫއަރާފަދަ ބޮޑު ޝަކުވާއެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައި ހުރި ވޯޓުފޮށިތަކުގެ ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށްދާނެއެވެ. ޒާހިދު ވަނީ އެ ވަގުތު ހަމަވުމުގެ ކުރިން ހުރިހާ ރައްޔިތުންވެސް ވޯޓުލާން ވަޑައިގަތުމަށް އިލްތިމާސް ކުރައްވާފައެވެ.
މިއަދުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ޖުމްލަ 294,876 މީހަކަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150,370 ފިރިހެނުންނާއި 144,506 އަންހެނުންނެވެ.
އާންމުންނަށް ވޯޓުލުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.




