މިއަދު ކުރިއަށްދާ ތިން އިންތިހާބުގެ ވޯޓުލުމުގެ ކަންކަން އާއްމު ގޮތެއްގައި އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދާކަމަށާއި، ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
މިއަދު ކުރިއަށްދަނީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ އާއްމު ހިޔާލު ހޯދުމުގެ ވޯޓެވެ.
މި އިންތިހާބުތަކުގެ ވޯޓުލުން ފެށިފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ.
އެޗްއާރްސީއެމްއިން ބުނި ގޮތުގައި މި އިންތިހާބުތައް އޮބްޒާވް ކުރުމުގެ ގޮތުން ކޮމިޝަންގެ 78 މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ކޮމިޝަންގެ ޓީމުތައް ދަނީ މަސައްކަތް ކުރަމުންނެވެ. ވޯޓުފޮށި އޮބްޒާވްކުރުމުގެ މަސައްކަތް ހެނދުނު 6:30 އިން ފެށިގެން ވޯޓުލާ ނިމުމާ ހަމަޔަށް ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.
ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުގައި އެކި ގަޑިތަކުގައި 208 ފޮށްޓެއް އޮބްޒަވްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަތޮޅުތެރޭގެ 21 ރަށެއްގައި ޖުމްލަ 104 ފޮށްޓެއް އޮބްޒާވްކުރަމުންދާއިރު، މީގެ ތެރޭގައި ކ. މާފުށި ޖަލުގައި ބަހައްޓާފައިވާ ވޯޓު ފޮށި ވެސް ހިމެނެއެވެ.
މިއަދު ހޫނުގަދަވުމުގެ ސަބަބުން ހެނދުނުގެ ވަގުތުތަކުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދުވި ނަމަވެސް، ހަވީރު ފިނިވާން ފެށުމާއެކު ކިއުތައް ވަނީ ދިގުވާން ފަށާފައެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ ކިއު ބަންދުކުރާ ވަގުތު ހަވީރު 5:00 އަށް އިތުރުކޮށްފައެވެ.




