މިއަދު ކުރިއަށްގެންދިޔަ ތިން އިންތިހާބުގެ ވޯޓުލުމަށް ކަނޑައެޅި ވަގުތު ހަމަވިއިރު، ވޯޓުލާން ކިއުގައި ތިބި މީހުން ވޯޓުލައި ނިމޭ މިންވަރަކުން ވޯޓު ފޮށިތައް ބަންދުކުރަން އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.
މިއަދު ކުރިއަށްދަނީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާއްމު ވޯޓެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި މި ވޯޓުލުން ކުރިން ނިންމުމަށް ހަމަޖެހިފައި އޮތީ ހަވީރު 4:00 ޖަހާއިރުއެވެ. ނަމަވެސް، މިއަދު ހޫނުގަދަވުމުގެ ސަބަބުން ގިނަ ބަޔަކަށް ވޯޓުލާން ނުނިކުމެވޭކަން ފާހަގަކުރެވި، ހަވީރު ފިނިވާން ފެށުމުން ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނިކުމެ ކިއުގައި ޖެހެމުންދާތީ، އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފައެވެ.
އިތުރުކުރި ވަގުތު ހަމަވުމާއެކު މިހާރު ވަނީ ވޯޓުލާ ކިއުތައް ބަންދުކޮށްފައެވެ. 5:00 ގެ ފަހުން އެއްވެސް މީހަކަށް ކިއުއަށް ނޭރޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. ވޯޓު ފޮށިތައް ބަންދުކުރަން ފަށާނީ ކިއުގައި ތިބި އެންމެން ވޯޓުލައި ނިމުމުންނެވެ. މިހާރުވެސް ބައެއް ސަރަހައްދުތަކުގައި ކިއުތައް ހުސްވެފައިވާތީ، އެ މަރުކަޒުތަކުގެ ވޯޓު ފޮށިތައް ބަންދުކުރުމުގެ މަސައްކަތް އޮފިޝަލުން ދަނީ ކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ވޯޓު ގުނަން ފަށާނީ ވޯޓު ފޮށި ބަންދުކުރާތާ 30 މިނިޓު ފަހުންނެވެ. ބައެއް މަރުކަޒުތަކުގައި އަދިވެސް ދިގު ކިއުތަކެއް އޮތުމުން، އެ ތަންތަނުގައި ވޯޓުލުން އެއްކޮށް ނިމުމަށް އަދި ވަގުތުކޮޅެއް ހޭދަވާނެ ކަމަށް ބެލެވެއެވެ.
ވޯޓުލީ މީހުންގެ ނިސްބަތަށް ބަލާއިރު، ހަވީރު 4:00 އާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 62 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ.



