މާދަމާއާއި އަންނަ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނުގައި ވިދާޅުވެފައިވަނީ މިއަދު ކުރިއަށް ދިޔަ އިންތިހާބުތަކާ ގުޅިގެން ކުރިއަށް އޮތް ދެ ދުވަހަކީ ބަންދު ދެ ދުވަސް ކަމުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން މި އިންތިހާބުތައް މިއަދު އޮތުމާއެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތުގައި ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ، އޭޕްރިލް މަހުގެ 5 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އިންތިހާބަށް ފަހުގައިވެސް، އިންތިހާބާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ، އޭޕްރިލް 6 ވާ ހޯމަ ދުވަސްވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާ ދިނުމަށް އީސީން އެދިފައިވާކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.




