މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ގުނުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ވޯޓުލުން ބަންދުކުރުމަށް ފަހު، ވޯޓު ގުނަން ފަށާފައިވަނީ ކިޔޫތައް ބަންދުކުރިތާ 30 މިނެޓު ފަހުންނެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދިޔަ މި އިންތިޚާބުތަކުގެ ވޯޓުލުން ނިންމާލުމަށް އެންމެ ފުރަތަމަ ކަނޑައެޅީ ހަވީރު 4:00 އަށެވެ. ނަމަވެސް، އާންމުންގެ ހުށަހެޅުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ ގަޑި ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ވޯޓު ގުނުމުގައި އެންމެ ފުރަތަމަ އިޢުލާނުކުރާނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއެވެ. އޭގެ ފަހުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓު ގުނާއިރު، އެންމެ ފަހުން ގުނުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެވެ.
މިއަދު ހަވީރު 4:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން 62.98 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. އެއީ ޖުމްލަ 185,709 މީހުންނެވެ.
ހަވީރު 5:00 ޖެހިއިރު ކިޔޫތައް ބަންދުކުރިއިރުވެސް، ގިނަ އަދަދެއްގެ ބަޔަކު ވޯޓުލުމަށް ކިޔޫގައި ތިބިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.




