މިއަދު ކުރިއަށްދިޔަ ލޯކަލް ކައުސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުން ކުރިއަށްދިޔައިރު މާލެއާއި އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޝުކުރުއަދާކުރައްވައިފިއެވެ.
މިއަދަކީ އާދަޔާ ޚިާފަށް ހޫނުގަދަ ދުވަހަކަށްވީ ނަމަވެސް އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަ ވަގުތު އާންމު ރައްޔިތުން ދެއްކި ކެއްތެރިކަމާއި ދިން އެއްބާރުލުން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަކުރައްވާފައެވެ.
ޚާއްސަކޮށް ވޯޓުލުން ކުރިއަށްދިޔައިރު ފުލުހުން ދެމުންދިޔަ އިރުޝާދުތަކާއި އެއްގޮތަށް ރައްޔިތުން އަމަލުކުރުމަކީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި، ހުރިހާ ކަމެއް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައިރު ސަލާމަތީ ގޮތުން ފާހަގަކުރެވޭފަދަ ބޮޑު ކަމެއް ހިނގާފައެއް ނުވެއެވެ. އަދި އިންތިޚާބާ ގުޅުންހުރި އެއްވެސް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެއްވެސް މީހަކު މިވަގުތު ބަންދުގައި ނެތްކަމަށްވެސް އެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.
މުޅި ރާއްޖޭގައި ހަރަކާތްތެރިވި ފުލުހުން ކުރެއްވި ބުރަ އަދި އިޚްލާސްތެރި މަސައްކަތްތައް ފާހަގަކުރައްވަމުން ފުލުހުން ވިދާޅުވީ، ވޯޓުލާ މަރުކަޒުތަކުގެ އަމަންއަމާންކަން ދެމެހެއްޓުމުގައާއި ވޯޓުލާން ދިޔަ ރައްޔިތުންނަށާއި އޮފިޝަލުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން ނަމޫނާ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމާލަމުން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މުޖްތަމަޢުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި އެ ޚިދުމަތް އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމަށެވެ.



