އަވަށްޓެރި އިންޑިއާއަށް ނިޞްބަތްވާ ތިން މީހަކު އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ އާންމުކޮށް އިއުލާނުކޮށްފި އެވެ.
އެމީހުންގެ ފޮޓޯ އާއި ވަނަވަރާއެކު ހޯދަން އިއުލާނުކޮށްފައިވަނީ އިންޑިއާ ތިން ފިރިހެނުންނެވެ. އެއީ، ރޯހިތު ކުމާރު(33)، އާއި ގުރުޖާންތު ސިންގް (24) އަދި ޝަމްޝޭރް އާލަމް (35) އެވެ. މި ތިން މީހުން ހާޒިރުވާން އަންގާ އިއުލާނުކުރި ނަމަވެސް، އެމީހުން ހާޒިރުކުރަނީ ކޮން ސަބަބަކާހުރެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އިމިގްރޭޝަނުގެ އިއުލާނުގައި ވަނީ، މިތިން މީހުން ވެސް ފަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވާން އަންގާ ކަމަށެވެ. އަދި، ހާޒިރުވާން ޖެހެނީ ސަރުކާރުން ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:00 އާއި ހަވީރު 04:00 އާ ދެމެދު މަޖީދީ މަގުގައި ހުންނަ އިމިގްރޭޝަންގެ ރިސްކު މެނޭޖްމެންޓް ސެކްޝަނަށް ކަމަށް ބުނެފައިވެއެވެ.
އިމިގްރޭޝަނާއި ތަންފީޒީ އިދާރަތުން ގުޅިގެން މިހާރު ދަނީ ރާއްޖޭގައި ގަވާއިދާ މަސައްކަތްކުރަމުން އަންނަ ބިދޭސީން ހޯދުމަށް އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ. މިއޮޕަރޭޝަންތަކުގައި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ބައެއް މީހުން ވަގުތުން ޑީޕޯޓްކޮށްލައެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެތް މީހުން އެމީހަކު ނިސްބަތްވާ ގައުމެއްގެ އެމްބަސީއާއި ގުޅިގެން ވަގުތީ ލިޔުން ހޯދުމަށް ފަހު އަނބުރާ ގައުމަށް ފޮނުވާލަ އެވެ. މީގެތެރޭގައި ވިސާނެތި މަސައްކަތްކުރާ މީހުންނާއި، ވިސާ ހަމަވެފައިވާ މީހުންނާއި، ވިސާއާއި ޚިލާފުވާ މީހުން ހިމެނެއެވެ. އަދި ގާނޫނާއި ޚިލާފު ވަގު ވިޔަފާރި ކުރާ މީހުންވެސް ހިމެނެއެވެ.



